މައުމޫނަށް ޔާމީން ފާޑު ވިދާޅުވި އޯޑިއޯއެއް ލީކުވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ދުވަސްވަރު މައުމޫނުގެ އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމަނިކުފާނުގެ ކޮއްކޯފުޅު ޕީޕީއެމްގެ މިހާރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވާހަކަ ދައްކަވާފައިވާ އޯޑިއޯއެއް ލީކްކޮށްލައިފި އެވެ.
ސޯޝަލް މީޑިއާގައި ލީކްކޮށްފައިވާ މި އޯޑިއޯ އިން އިވޭ ގޮތުގައި މައުމޫނާ ބެހޭ ގޮތުން ޔާމީން ވާހަކަ ދައްކަވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އަރިހުގަ އެވެ.
އޯޑިއޯ އިން އެނގޭ ގޮތުގައި ޔާމީނާއި އާމިރު ވާހަކަ ދެއްކެވީ އެއްތަނެއްގައި ތިއްބަވައިގެންނެވެ. އެ ވާހަކަތަކުގައި މާ ބޮޑަށް ބައިވެރިނުވާ އެހެން މީހެއްގެ އަޑު ވެސް ކޮންމެވެސް ވަރަކަށް އިވެ އެވެ.
މި އޯޑިއޯއާ ގުޅޭ ގޮތުން ޔާމީނާއި އާމިރު ވެސް ވިދާޅުވީ އެ އޯޑިއޯ އަދި އަޑު ނާއްސަވާ ކަމަށެވެ. އެހެންވެ އޯޑިއޯއާ ގުޅޭ އެއްވެސް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށް ދެ ބޭފުޅުން ވެސް މިއަދު "ހަވީރަ"ށް ވިދާޅުވި އެވެ.
ކޮން އިރަކު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ނޭނގޭ މި އޯޑިއޯގައި ޔާމީން ވިދާޅުވެފައި ވަނީ މިހާރުގެ ގާނޫނު އަސާސީގެ ދަށުން 2008 ގައި މައުމޫނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ނުވަތަ ދެ ދައުރަށް ވުރެ ގިނަ ދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އެމްޑީޕީގެ މެމްބަރު އަހުމަދު ހަމްޒާ ހުށަހެޅުއްވި އިސްލާހު ފާސްނުވީ އޭރުގެ ޕީއޭގެ ސަބަބުން ކަމަށެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހަށް މައުމޫން އައްޔަންކުރެއްވި ބައެއް ބޭފުޅުންނާއި ބައެއް ވަޒީރުން ވެސް އެ އިސްލާހަށް ވޯޓު ދެއްވަން ބޭނުން ނުވިކަން ޔާމީންގެ ވާހަކަތަކުން އެނގެ އެވެ.
"އަހަރެމެން ]ޕީއޭގެ ޕީޖީން[ ނިންމީ ވަރަށް ސަޅި ގޮތަކަށް. މަ ބުނިން އަހަރެމެން މަގުމަތިން ވަގު ހިފާނީއޭ. އެހެންވީމާ އަހަރެމެން ތިބޭނީ ވޯޓު ނުލައޭ. ރައީސްގެ ވަޒީރުންނާއި ޑީއާރުޕީގެ މީހުން ހަދާ ގޮތެއް ބަލާނީއޭ. އެއީ އަހަރެންނަށް އެނގޭ މީގައި އެތައް ބަޔަކު ގޯސް ހަދާނެކަން. މި މީހުންނާ ހަމައިން ތިބީ މައުމޫނަށް ކުރިމަތިނުލެވޭ ގޮތަށް ނިންމައިގެންނޭ. އެހެންވީމާ އެންމެ ފަހު ވަގުތު އަހަރެމެން އެންމެން އެއްފަހަރާއޭ ]ވޯޓިން މެޝިނަށް[ ފިތާލާނީ. އެހެން ކިޔާފައި މި ތިބެނީ. ގޮސްފައި 52 އަށް ކަން ނޭނގޭ ގޮސްފައި ސްޓަކް ވެއްޖެ،" މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމެއްގައި ވަޒީރުކަމުންނާއި ޑީއާރުޕީން އޭރު ވަކިވެވަޑައިގެން ޕީއޭ އުފެއްދެވި ޔާމީން ވިދާޅުވި އެވެ.
"މުހަންމަދު ހުސެއިން ]ވޯޓުލީ[ ނުބައިކޮށް. އިލްޔާސް ލީ ނުބައިކޮށް. ސަމަރޭ އެބްސްޓެއިން ކުރީ ކަން ނޭނގޭ. ޑރ. ޝައުގީ ކަންފަތުގައި ފޯނު ޖައްސައިގެން ވޯޓުނުލައި މާ ބާރަށް ހިނގަމުން، ހިނގަމުން ދިޔައީ މާ މުހިންމު ކޯލެއް އައިސްގެން. ދެން އެންމެ ފަހު ފަޅި ސިކުންތުގެ ތެރޭގައި ]ޕީއޭގެ[ 14 ވޯޓު އެއްފަހަރާ އަޅުގަނޑުމެން ލީ. ލައިގެން މައުމޫނަށް ކުރިމަތިލެވޭ ގޮތަށް ވީ."
މި އޯޑިއޯ އިން އެނގޭ ގޮތުގައި މައުމޫންގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ މުހަންމަދު ހުސެއިން މައުމޫނާ ދެކޮޅަށް ހާއްސަ މަޖިލީހުގައި އެ ދުވަހު ވޯޓު ދެއްވުމުން އެކަމާ ބެހޭ ގޮތުން ޔާމީން އޭރު ވަރަށް ހިތްހަމަޖެހިވަޑައިނުގަތެވެ. އަދި އެ ވާހަކަ މައުމޫންގެ އަރިސް ބޭފުޅެއް ކައިރީގައި ދެއްކެވިކަން ވެސް އޯޑިއޯ އިން އެނގެ އެވެ.
ވަޒީރުކަމުން އިސްތިއުފާ ދެއްވި ސިޓީ އަނބުރާ ގެންދަވަން މައުމޫން އެދިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވެ އެވެ. އަދި އިސްތިއުފާ ހުށަހެޅުއްވީ "ބިރު ދައްކާކަށް" ނޫން ކަމަށް ޔާމީން މައުމޫނަށް ދެންނެވި ކަމަށް ވެސް އޯޑިއޯގައި އޭނާ ވިދާޅުވެ އެވެ.
ޑީއާރުޕީ އާއި ޕީއޭ ކޯލިޝަން ހަދައި އަލުން ވަޒީރުކަމަށް ވަޑައިގަތުމަށް ވެސް މައުމޫންގެ ފަރާތްޕުޅުން ވަރަށް "އާދޭސްކުރި" ކަން ޔާމީންގެ ވާހަކަތަކުން އެނގެ އެވެ. އެކަމަކު ޔާމީން އޭރު ބޭނުންވީ "މުހަންމަދު ހުސެއިން ރައީސް އޮފީހުން ނުކުންނަން" ކަމަށް ދެންނެވި ކަމަށް އޯޑިއޯގައި ވިދާޅުވެ އެވެ.
"މަށަށް ވަރިހަމައޭ ކިތަންމެ ވަރުގަދަ ވަޒީރުކަމެއް އޭނާ އަށް ދިނަސް، ރައީސް އޮފީހުން އޭނާ ނެރޭށޭ. އޭރުން އަހަރެން މިހުރީ ހިދުމަތް ކުރާށޭ. ދެން ހަމަ ވާހަކަ ދައްކަވަނީ. އެއް ރޭ ތިން ހަތަރު ފަހަރު ފޯނު ކުރައްވައިގެން ވާހަކަ ދައްކަވަނީ. ޔާމީނޭ ދެނެއް މުހަންމަދު ހުސެއިނަކަށް ބޭނުންހާ ގޮތެއް ނެހެދޭނެއޭ. ރައީސް އޮފީހުގައި އޭނާ އަށް ކަންތައް ކުރިޔަކަ ނުދޭނަމޭ. މަ ބުނިން ބުނަންހޭ ވާހަކައެއް. ރައީސް އޮފީހުގައި އޭނައޭ އިސް މީހަކީ. މައުމޫނަކަށް ނުބެލެއޭ ހުރިހާ ކަމެއް. މައުމޫން ވިދާޅުވިއޭ ކިޔައިގެން އޭނައޭ ހުރިހާ ކަމެއް މިކުރަނީ. އޭނާ ތި ތަނުގައި ހުއްޓާ މަށެއް ނުވަންނާނަމޭ،" ޔާމީން ވިދާޅުވި އެވެ.
މި އޯޑިއޯގައި ޔާމީން ވިދާޅުވަނީ މައުމޫންގެ ކެބިނެޓުން 10 ވަރަކަށް ވަޒީރުން ވަކިކުރައްވަން މައުމޫން ބޭނުންފުޅުވިކަން އެނގިވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރޭގައި މުހަންމަދު ވަހީދުއްދީނާއި ހުސެން ހިލްމީ އާއި ޑރ. ހަސަން ސައީދު އަދި މައުރޫފް ޖަމީލް ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެ އެވެ.
ޔާމީން ވިދާޅުވެފައި ވަނީ އެ ވަޒީރުން ވަކިކުރައްވަން މައުމޫނަށް ކެރިވަޑައިނުގަތީ އޭރު އިންތިހާބު ވަރަށް ކައިރީގައި އޮތުމުން ގެއްލުން ވެދާނެތީ ކަމަށެވެ. އެހެން ނަމަވެސް "އެ މީހުން ހަދާނެ އެއްޗެއް ހެދީ" ކަމަށާއި "މައުމޫނަށް އިހުލާސްތެރި ބޭފުޅުން އެނގިވަޑައިނުގަތީ" ކަމަށް ޔާމީން މި އޯޑިއޯގައި ވިދާޅުވެ އެވެ.
އިންތިހާބުގައި މައުމޫންގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން ހަރަކާތްތެރިވެވަޑައިގެންނެވިއިރު ފާރިޝް އަމަލުކުރެއްވި ގޮތަކާ ބެހޭ ގޮތުން ވެސް ޔާމީން އޯޑިއޯގައި ވާހަކަ ދައްކަވަ އެވެ. ވަޒީރުންގެ ކޮމިޓީއަކާ އެކު މައުމޫން ބޭއްވެވި ބައްދަލުވުމެއްގައި ތިއްބެވި ހުރިހާ ވަޒީރުންނަށް އިތުބާރު ނުކުރެއްވޭތީ ހުރިހާ މައުލޫމާތެއް އެ ބައްދަލުވުމަށް ހިއްސާ ނުކުރެއްވޭނެ ކަމަށް ފާރިޝް ވިދާޅުވި ކަމަށް ޔާމީން އޯޑިއޯގައި ވިދާޅުވެ އެވެ. އަދި ޔާމީންގެ ވާހަކައިން ދޭހަވާ ގޮތުގައި ފާރިޝްގެ އެ އެވާހަކައާ މެދު ޔާމީން ވަރަށް ކަންބޮޑުވެވަޑައިގެންނެވި އެވެ.
މި އޯޑިއޯގައި ޔާމީން ވިދާޅުވެފައިވާ ވާހަކަތަކަށް ބަލާއިރު އޭނާ ދެކެ އެންމެ ބޮޑަށް މައުމޫން ހިތްޕުޅުހަމަނުޖެހިވަޑައިނުގަތް މައިގަނޑު ސަބަބަކީ ވަޒީރެއްގެ މަގާމުގައި ހުންނަވައި މައުމޫން ސަރުކާރުގެ އެންމެ ފަހު އަހަރުގެ ބަޖެޓަށް ޔާމީން ދެކޮޅުހެއްދެވުން ކަން އެނގެ އެވެ.
"ވަޒީރަކަށް ހުރެގެން އެއަށް ފާޑުކިއީމާ ގާސިމާއި ހަސަން ސައީދާ އިލްޔާހާ ޑރ. ޝަހީދާ މި މީހުން ގޮސް މައުމޫނަށް ދެންނެވީ ވަޒީރަކަށް ހުރެގެން މިހެން ހެދީމާ ތިމަންނަމެންނެއް ތިބޭކަށް ބޭނުމެއް ނޫނޭ މިއަށް ފިޔަވަޅު ނާޅަންޏާ. އެހެން ކިޔާފައި މައުމޫނަށް މި ޝަކުވާ ކޮށްގެން އެންމެ ފަހުން މައުމޫން އަހަރެންގެ އިސްތިއުފާ ގަބޫލުކުރީ. އެހެން ނޫނީ ޖެނުއަރީ 31 ގައި ލީ ސިޓީއެއް، މައުމޫން ހުންނާށޭ ވިދާޅުވުމުން އަޅުގަނޑު ]ވަޒީރުކަމުގައި[ ހުންނަމުން އައީ،" ޔާމީން ވިދާޅުވި އެވެ.
އެ އޯޑިއޯގައި ޔާމީން ވިދާޅުވެފައިވާ ވާހަކަތަކަށް ބަލާއިރު ބަޖެޓަށް އުސޫލީ ބަދަލުތަކެއް ގެންނަވާނެ ކަމަށް މައުމޫން އޮތީ ޔާމީން އަރިހުގައި ވިދާޅުވެފަ އެވެ. އަދި ޔާމީންގެ އިސްތިއުފާ މައުމޫން ގަބޫލުފުޅު ކުރިކަން އެންގެވީ ޔާމީންގެ ހަގު ދަރިފުޅުގެ ބޭސްފަރުވާއަކަށް ސިންގަޕޫރުގައި އުޅުއްވަނިކޮށެވެ.
ޔާމީން ވިދާޅުވީ ދަރިފުޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އުޅުއްވަނިކޮށް މައުމޫން ގުޅުއްވުމުން އެވަގުތު ވާހަކަ ދައްކަވަން ދަތި ކަމަށް ދެންނެވުމުން "ވަރަށް ހޫނު އެސްއެމްއެސްއެއް" މައުމޫން ފޮނުއްވި ކަމަށެވެ. އަދި މައުމޫންގެ އެސްއެމްއެސްގެ ޖަވާބު "ހަބޭހަށް" ދެއްވި ކަމަށް ޔާމީން ވިދާޅުވެ އެވެ.
"މަ ބުނިން މިވަރުގެ ކަމެއްގައި އަހަރެން އައިސްގެން އުޅޭއިރު ދަރިފުޅުގެ ހާލު ވެސް އަދި ބަލާނުލެވޭ ނޫންހޭ. ސިޔާސީ ކަމަކާއޭ ތި ގުޅުއްވީ. ނުވިތާކަށް އަހަރެން މިތަނަށް އައިއިރު ލޯ ލާރިއެއް ވެސް ސަރުކާރުން އަހަރެންނަކަށް، އެހީއެއް ނުދެއްވައެއް ނޫންހޭ. ބުނީމާ ދެން އެއަށް އޮތީ ވަރަށް ހާޓް ވެގެން އާނއެކޭ ކިޔާފައި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާއިރު ސަރުކާރުގެ އެހީ އަށް ވަރަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.
މި އޯޑިއޯގައި ގާސިމް އިބްރާހީމްގެ ފިނޭންސް މިނިސްޓަރުކަމުގައި ބޮޑު ބަޖެޓެއް ހުށަހެޅި މައްސަލާގައި ވެސް ޔާމީން ހިތްހަމަޖެހިވަޑައިނުގެން އޭނާ އަށް ފާޑު ވިދާޅުވެ އެވެ. އަދި ޑރ. ޝައުގީގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ދޫކުރަން ނިންމި ރިސޯޓްތަކުގެ ތެރެއިން 14 ރަށެއް ގާސިމް ނަންގަވަން ބޭނުންވި ކަމަށް ޔާމީން ވިދާޅުވެ އެވެ. އެހެންވެ ރިސޯޓަށް އެކި ނަންނަމުގައި މީހުން ލައްވައި ގާސިމް ކުރިމަތިލައްވަމުން ގެންދެވި ކަމަށް ޔާމީން ވިދާޅުވި އެވެ.
އޯޑިއޯގައި ޔާމީން، އާމިރު އަރިހުގައި "ގާސިމްގެ ޖީބުގައޭ ތިބީ ދެބައިކުޅަ އެއްބައި ވަޒީރުން" ވިދާޅުވެ އެވެ.
އާމިރު ވެސް މައުމޫންގެ ބޭފުޅުންނަށް ފާޑު ވިދާޅުވާ އަޑު އިވެ އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އާމިރު މަސައްކަތް ކުރެއްވީ އޭރުގެ ޑީއާރުޕީގެ މީޑިއާ ބައިގަ އެވެ. އެ ދުވަސްވަރު ހިނގި ކަންކަމުގެ ވާހަކަ ދައްކަވަމުން މައުމޫންގެ ދަރިކަނބަލުން އަދި ޑީއާރުޕީގެ މީޑިއާގައި އޭރު އިސްކޮށް އުޅުއްވި ދުންޔާ މައުމޫނަށް އިޝާރާތްކުރައްވައި އާމިރު ވިދާޅުވެފައި ވަނީ "ގައުމުގައި ހިނގާ ކަންކަމަށް ހަމަ ނޭނގޭ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ