ޔާމީން ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހަގީގަތް އޮއްބާލަން

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ހަގީގަތް އޮއްބާލަން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރުކުރެވުނީ ކޯޓުގައި މިހާރުވެސް ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމަށާއި އިތުރު އާ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
"އިތުރު އާ މައްސަލައެއް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ. މިހާރު ދައުވާކޮށް، ޝަރީއަތުގެ މަރުހަލާގެ ތެރޭގައި ހަމަ އިސްތިއުނާފުވެސް ކުރާ ކަންތައްތަކުގެ ހަވާސާގެ ތެރޭގައި ހަމަ މިއަދުގެ ތަހުގީގުވެސް ކުރިއަށް ދިޔައީ" ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ މައިގަނޑު މައްސަލަ އޮއްބާލުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށާއި އަދި މިއީ އަސްލު އެ ހިޔާނާތުގެ ތެރޭގައި ހިމެނޭ މީހުންގެ މައްސަލަތައް ފުރޮޅާލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުލަތުން ޑީލެއް ދީފައިވާ ކަމަށްވެސް ޖަމީލު ތުހުމަތު ކުރެއްވިއެވެ.
އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި ކަމުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ކުރެވޭއިރު ވަކި ފަރާތްތަކެއްގެ މައްސަލަތައް ބަލާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
އަދި މިހާރު ކުރަމުންދާ ކަންތައްތަކަކީ ރާއްޖޭގައި މިހާރު އޮތް މައްސަލަތަކުގެ ފޯކަސް ގެއްލުވާލާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ގޮތުން ހަލަބޮލި ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.
ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ