ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާާޒިރުކޮށްފި

މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކޮށްފިއެވެ.
މިއަދު މެންދުރުފަހު ދޭއްޖަހާކަށްހާއިރު އެމަނިކުފާނު ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާާޒިރުކުރެވުނީ ބަަލަމުންދާ ދެ މައްސަލައެއްގެ ތަހުގީގާއި ގުޅިގެންނެވެ. ނަމަވެސް އެ ދެ މައްސަލައާ ގުޅޭ ތަފްސީލެއް ލިބިފައެއްނުވެއެވެ.
މިއަދު ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާާނުގެ ގާނޫނީ ވަކީލެއްގެ ގޮތުން ވަޑައިގެންނެވީ އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅީ އެމަހުގެ 30 ގައެވެ.
އެމަނިކުފާާނުގެ މައްޗަށް ހުކުމް ކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިކަން ސާބިތުވެގެންނެވެ.
އިސްތިއުނާފުގެ މަރުހަލާ ފުރިހަމަވަންދެން ކަފާލަތުގެ ދަށުން ދޫކޮށްދިނުމަށް ނުވަތަ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެމަނިކުފާނު އެދިވަޑައިގަތުން ކަފާލާތު ހަމަޖައްސައިދެވެން ނެތް ކަމުގައި ނުވަތަ ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއްވެސް ނެރެވެން ނެތް ކަމުގައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ