ޝަހިންދާ އަށް މަރުގެ އިންޒާރުދިން ކަމަށް ބުނެ ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ފައުންޑަރު ޝަހިންދާ އިސްމާއިލަށް މަރުގެ އިންޒާރުދިން ކަމަށް ބުނެ ފުވައްމުލަކުން ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި އަނިޔާވެރިކަމަށް ހިތްވަރު ދެމުންދާ މައްސަލައެއްގައި 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އަލީ އަވާއު ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ކުރި ރީޓްވީޓެއްގެ މައްސަލައިގަ އެވެ. އެހެން މީހަކު ކުރި ޓްވީޓެއް، ރީޓްވީޓް ކުރަމުން އޭނާ ބުނެފައިވަނީ މަރާލަން ފަސްނުޖެހޭނެ ކަމަށެވެ. ނަމަވެސް ފަހުން ވަނީ އޭނާގެ ޓްވިޓާ އެކައުންޓް ވެސް ޑިލީޓްކޮށްފަ އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައިގައި އެ ޖަމިއްޔާ އުވާލުމަށް ދަނީ ގޮވާލަމުންނެވެ. އެ މައްސަލަ ފުލުހުން ވެސް ތަހުގީގުކުރަމުންދާއިރު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ