ލިވަޕޫލް މެންޗެސްޓާ ސިޓީ ބަލިކޮށްފި

އިންގިރޭސި ޕްރިމިއާ ލީގުގައި 3-4 ނަތީޖާ އަކުން މެންޗެސްޓާ ސިޓީ ބަލިކޮށް މިސީޒަނުގައި ސިޓީ ބަލިކުރު ފުރަތަމަ ޓީމަކަށް ލިވަޕޫލް ވެއްޖެ އެވެ.
ބަލިނުވެ މިސީޒަން ނިންމާލުމަށް ސިޓީ ދެކެމުން އައި ހުވަފެން ލިވަޕޫލް އިން ނިމުމަކަށް ގެނައިރު ލިވަޕޫލް މިވަނީ އެޓީމު ބަލިނުވެ 18 މެޗު މިހާރު ހަމަކޮށްފަ އެވެ. މިނަތީޖާ އާއެކު ލީގު ތާވަލުގެ ތިންވަނަ މަގާމަށް ލިވަޕޫލް މިވަނީ ޖެހިލާފަ އެވެ. ދެވަނަ މަގާމުގައި އޮތް ޔުނައިޓެޑާއި ލިވަޕޫލްއަށް ވެސް މިހާރު ލިބިފައިވަނީ 47 ޕޮއިންޓެވެ. ޔުނައިޓެޑަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ސިޓީއަށް ބަލާއިރު އެޓީމު އެއްވަނަ މަގާމުގައި އޮތީ 62 ޕޮއިންޓާއެކު އެވެ. މެންޗެސްޓާ ސިޓީ މިމެޗުން ބަލިވިނަމަވެސް އެޓީމު ލީގުގެ އެއްވަނަ މަގާމުގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާއެކު އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ލިވަޕޫލްއިންނެވެ. މިލަނޑު އެޓީމަށް މެޗުގެ ނުވަވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެލެކްސް އޮކްސްލެޑް ޗޭމްބަލިން އެވެ. ސިޓީގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދުމަށްފަހު ލިވަޕޫލްގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ ފަހަތަށް ކުޅުނު ބޯޅަ ހިފައިގެން ވަދެ ސިޓީ އޭރިޔާގެ އަރިމަތިން ޗޭމްބަލިން ތިރި ތިރިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދުރުކަނަށެވެ.
މެޗުގެ ފުރަތަމަ ހާފް ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް މެންޗެސްޓާ ސިޓީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮރޭ ސާނޭ އެވެ. ލިވަޕޫލް އޭރިޔާ ތެރެއިން ދެކުޅުންތެރިން ކާރިން ނައްޓާލުމަށްފަހު ސާނޭ ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ވަނީ ލިވަޕޫލްގެ ކީޕަރު ލޮރިސް ކައުރިސްގެ ނިއާ ޕޯސްޓުންނެވެ.
ފުރަތަމަ ހާފް 1-1 ގެ ނަތީޖާއަކުން ނިމުނު ނަމަވެސް ދެވަނަ ހާފް ފަށައިގެން ލިވަޕޫލް ޓީމުން ވަނީ ކާރީކާރީގައި ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ 59 ވަނަ މިނިޓުގައި ފިރްމީނޯ އެވެ. މެދުތެރެއިން ލިވަޕޫލްގެ ކުޅުންތެރިޔަކު ކުޅުނު ތްރޫ ބޯޅަ ސިޓީ ޑިފެންޑަރު ޖޯން ސްޓޯންސް ކާރިން ހޯދުމަށްފަހު ފްރްމީނޯ ވަނީ ސިޓީ ކީޕަރު އެޑަސަން ބޯމަތިން ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލާފަ އެވެ.
ލިވަޕޫލް މެޗުގެ ނަތީޖާ 1-2 ބަދަލުކޮށްލިތާ ތިން މިނިޓުފަހުން ސާޑިއޯ މާނޭ ވަނީ އޭރިޔާ ބޭރުން ގޯލްގެ މަތީ ކަނަށް ފޮނުވާލި ހަމަލާ އާއެކު މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލާފަ އެވެ. މާނޭ ލިވަޕޫލްއަށް ދެލަނޑުގެ ލީޑެއް ނަގައިދީފައި ވަނިކޮށް ލިވަޕޫލްއަށް މެޗުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ. ސިޓީ ކީޕަރު އެޑަސަން ސާފު ކޮށްލި ބޯޅަ ލިބުނީ ސިޓީ ހާފްގެ މެދަށް ވުރެ ތަންކޮޅެއް ކުރީގައި ހުރި ސަލާހު އަށެވެ. އޭނާ ވަނީ އެެޑަސަން ބޯމަތިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗު ނިމެންމެ ކާރިވެފައިވަނިކޮށް ސިޓީގެ ބާނާޑޯ ސިލްވާ އަދި އިތުރު ވަގުތުގައި އިލްކޭ ގުންޑޮގާން ކާމިޔާބުކޮށްދިން ލަނޑުތަކާއެކު ސިޓީ މެޗުގެ ތެރެއަށް އަލުން ގެނެސްދިން ނަމަވެސް ލިވަޕޫލް ޓީމުން ވަނީ ސިޓީއަށް އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތު ނުދީ މެޗުން ތިން ޕޮއިންޓު ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ