ވަޒީރުންނާއެކު ޑރ. ޝަހީމް މާލޭގެ ގެތަކަށް

ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކުރުމަށް އެ މަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ދައުލަތުގެ ވަޒީރުންނާއެކު މާލޭގެ ގޭގެ އަށް ވަޑައިިގަންނަވަން މިއަދު ފައްޓަވައިފި އެވެ.
ޝަހީމް އިސްކޮށް ހުންނަވައިގެން ޑޯ ޓު ޑޯ ނުވަތަ ދޮރުން ދޮރަށް ހަރަކާތް ފެށި އިރު ގިނަ ވަޒީރުންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
އަދި މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން އެ ހަރަކާތުގައި ބައިވެރިވެ އެވެ.
އެހަރަކާތް ފެށުމުގެ ގޮތުން ޕީޕީއެމް އޮފީސް ދޮރުމަތީ ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ބޭނުމަކީ މާލޭގެ ގޭބިސީތަކަށް ގޮސް ރައްޔިތުންގެ ހާލު ބަލައި ރައްޔިތުން އެދޭ ކަންކަން ސާފު ކުރުން ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ މީގެ ކުރިން އެ ޕާޓީން މާލޭގެ ގެތަކަށް ދިޔަ އިރު ބޮޑަށް އަމާޒު ކުރީ މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަން ކަމަށެވެ. ނަމަވެސް މިއަދުގެ ހަރަކާތާއެކު މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ފަސް އަހަރަށް ރާވާފައިވާ ކަންކަމާއި އިންތިހާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އަޅުގަނޑުމެން ގޭގެ އަށް މި ޒިޔާރަތް ކުރަނީ،" ޒަމީރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެ ހަރަކާތުގެ ތެރެއިން މާލެ 13 ދާއިރާއަކަށް ބަހާލައިގެން ހުރިހާ ސަރަހައްދަކަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމުން ވަނީ މިދިޔަ އަހަރުން ފެށިގެން މާލޭގެ ގެތަކަށް ގޮސް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ