ބިދޭސީ މަސައްކަތްތެރިންނަށް ހުއްދަ ދިނުމުގެ މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި

ރާއްޖެއަށް އެތެރެވާ ބިދޭސީ މަސައްކަތްތެރިންނަށް އިމިގްރޭޝަނުން ދެމުންދިޔަ ބައެއް ހިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމައިިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިދޭސީންނަށް ހުއްދަ ދިނުމާ ބެހޭ ބައެއް ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ، ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވުމަށް ހުއްދަ ދިނުމާ ބެހޭ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މިނިސްޓްރީގެ ދަށަށް ބަދަލުކުރާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެ އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވުމުގެ މަސައްކަތާއި ކޯޓާ ހަމަޖައްސައިދިނުމާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުމާއި ވިސާ ޑިޕޮސިޓް ފީ ބަލައިގަތުމާއި އަދި ރިފަންޑުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އަދި އެ ހިދުމަތްތައް މާރިޗު މަހު އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭންފަށާނެ ތާރީޚު ފަހުން ހާމަކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ