އެމްއެމްޕީއާރުސީގެ ޚިޔާނާތުން ފައިސާ ގެއްލުނު މައްސަލާގައި ބޭންކްތަކުން ޖަވާބުދާރީވާން ޖެހޭ: ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ގެއްލުނު މައްސަލާގައި ބޭންކްތަކުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ބައެއް ފަރާތްތަކަށް ޓިކެޓް ދިނުމަށް މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެެއްވަމުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ އަށް ދޫކުރާ ޗެކެއް އެހެން ކުންފުންޏެއްގެ އެކައުންޓަށް ޖަމާވީ ކިހިނެތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވީ ކިހިނެއްކަން ބޭންކުން ބުނެދޭން ޖެހޭނެ ކަމަށާއި އަދި އެތައް ފަހަރެއްގެ މަތިން އެ މުއާމަލާތް ހިންގިއިރު، އެކަމުގައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީކީ ނަގުދު ފައިސާއެއް ނޫން. ބޮޑެތި ފޮށިފޮށިގަނޑުގައި އުފުލައިގެން މި ގެންދިޔައީކީ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި ހިނގާފައި ހުރި ކަންތައް. ބޭންކިން ނިޒާމުގެ ތެރެއިން މިވަރުގެ ކަންކަން ހިނގާ ކަމަށް ވަންޏާ ބޭންކްގެ ކޮންމެވެސް ލެވެލްއަކުން މިއަށް ޒިންމާ އުފުލަން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސަރުކާރު ކުންފުންޏަކަށް ދޫކުރާ ޗެކްތަކެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ތަކުރާރުކޮށް، ޖަމާވަމުން ދިޔައިރު، އެކަމުގައި ފިޔަވަޅު ނޭޅީ ކީއްވެގެންތޯ ޖިނާއީ ތަހުގީގެއްގެ ތެރެއިން ބެލެން ޖެހޭނެ ކަމަށެވެ. އަދި އެކަންކަން ތަހުގީގެއްގެ ތެރެއިން ބެލުމަށް ތާއީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ތަކުރާރުކޮށް ޗެކްތައް ޖަމާ ކުރަމުން މިދަނީ ބޭންކް އޮފް މޯލްޑިވްސް އަށް. ބޭންކް އޮފް މޯލްޑިވްސް އިން އެބަ ޖެހޭ ނޫންތޯ މި ޖަމާ ކުރާ މީހުން އެއްޗެއް ބުނަން. ކީއްވެގެންތޯ އެމްއެމްޕީއާރުސީއަށް ޖަމާ ކުރަމުންދާ ފައިސާ އަބަދުވެސް އެސްއޯފް ކިޔާ ކުންފުންޏަކަށް ބަދަލުވަމުން މިދަނީ؟،" ޔާމީން ސުވާލު އުފެއްދެވި އެވެ.
އެހާ ބޮޑު ކޮރަޕްޝަނެއް ހިނގާއިރު ރައީސަށް އެނގޭނެ ކަމަށް ކުރަމުންދާ ތުހުމަތުތަކާ ގުޅިގެން ޔާމީން ވަނީ އެކަން އެމަނިކުފާނަށް ކުރިން އެނގޭ ނަމަ، އެކަމަށް އެމަނިކުފާނު ފިޔަވަޅު އެޅުއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ. ޔާމީން ވިދާޅުވީ އެކަމުގެ މައުލޫމާތު ރައީސް އޮފީހަށް އެނގުނު ހިސާބުން ފެށިގެން ފިޔަވަޅުތައް ވަނީ އަޅާފައިވާ ކަމަށެވެ.
"ރައީސަށް އޭގެ ފައިދާތަކެއް ލިބޭ، ރައީސަށް އެކަން އެނގޭ ކަންތައްތަކެއްގައި ކީއްކުރަންތޯ ރައީސް ފިޔަވަޅު އަޅަންވީ؟،" ޔާމީން ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުން ދައުލަތަށް 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާއިރު، އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ