ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނެއްގެ ހަށިގަނޑުގައި އަތެއްނުލެވޭނެ- ޚުތުބާ

ރުޤްޔާ ކުރުމުގެ ނަމުގައި ނުވަތަ ސިހުރު ބާތިލުކުރުމުގެ ބަހަނާ ގައި މަހުމަކާ ނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެ ކަނބަލުންގެ ގައިގައި އަތް ނުލެވޭނެކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެ އެވެ.
ރުޤްޔާ ކުރުމުގެ ޝަރުއީ ހަމަތަކުގެ މައްޗަށް އަލި އަޅުވާލައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައިވަނީ ޝިފާ ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާކަން ގަބޫލުކުރުން ކަމުގައެވެ.
ޚުތުބާގައި ވިދާޅުވެފައިވަނީ، ރުޤްޔާ ކުރުމަކީ ބަލިމީހާއަށް ފަރުވާކުރުމުގެ ގޮތުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ގެ ސުންތުގައި ވާރިދުވެގެންވާ ދުއާތަކުގެ ޒަރީޢާއިން ބައްޔަށް ޝިފާދެއްވުން އެދި ﷲ ގެ ހަޒްރަތުގައި ދެންނެވުން ކަމަށެވެ. އަދި އެކަމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކާއި ޝަރުތުތަކާއެކު، އެކަމުގެ އިލްމު ލިބިހުރި މީހަކު، ޝަރުއީ ހަމަތަކުގެމަތިން، ހުއްދަނޫން އެއްވެސް ކަމެއް ނުހިމެނޭގޮތަށް، އިންސާނިއްޔަތަށްޓަކައި ކުރުން ހުއްދަކެއް ކަމެއް ކަމަށެވެ.
ނަމަވެސް، ކަމުގެ ސައްހަ މައުލޫމާތާއި ޝަރުއީ ހަމަތަކަށް ބީރައްޓެހި ބަޔަކު، ދުންޔަވީ މަންފާތަކެއް ހާސިލު ކުރަން ބޭނުންކުރާ ވަސީލަތަކަށް މިއަދު “ރުޤްޔާކުރުން” ހަދައި، ރުޤްޔާގެ ނަމުގައި މީސްތަކުންނަށް ކެހިދީ، މަކަރުހަދައި، އޮޅުވާލަން ފަށާފައިވާކަމަށް ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.
“ރުޤްޔާ ކުރުމުގައި ޝަރްޢީ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ. ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމާއި، ސިހުރު ބާޠިލުކުރުމުގެ ބަހަނާގައި މަޙްރަމަކާނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެކަނބަލުންނަށް ޖިންސީ ގޯނާކުރާކަމުގެ ޝަކުވާތައް ދަނީ ޢާއްމުވަމުން.” ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ޚުޠުބާގައި ވިދާޅުވެފައިވަނީ، ރުޤްޔާ ކުރުމަށްޓަކައި އަންހެނަކަށް ނުވަތަ މަހުރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމާއި، މަހުރަމަކު ފިޔަވައި އަންހެނެއްގެ ގަައިގައި ހުރަހަކާއި ނުލައި އަތްލުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
ޝަރްޢީ ރުޤްޔާކުރުމުގެ ނަމުގައި ޖިންނީންނާއި، ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމާއި، ބަލިމީހާ އާއި، ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވުމާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތައްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ރުޤްޔާކުރުމުގައި ހިމެނޭ ކަންކަން ނޫން ކަމަށް ހުކުރު ޚުތުބާގައި ވަރަށް ސާފުކޮށް ވިދާޅުވެފައިވެއެވެ.
“އެއީ ސިހުރު ހާހުރަ ހަދާ މީހުން ކުރާ ކަންކަން. މީގެ އިތުރުން ބަލިމީހާގެ ހަށިގަނޑު ތެރެއަށް ޖިންނި ޝައިތާނުން ވައްދައި އެ ޝައިތާނުންގެ ކިބައިން ކަންކަން އޮޅުން ފިލުވުމާއި، ﷲ ގެ އިސްމުފުޅު ނަންގަތުމެއް ނެތި ޖަނަވާރާއި ދޫނި ފަދަ ތަކެތި ކަތިލަން ބުނުމަކީ ޝަރްޢީ ރުގްޔާއާ އެއްވެސް ގުޅުމެއްހުރި ކަންކަމެއް ނޫން. އަދި ކީއްހެއްޔެވެ! އެގޮތަށް އެކަން ކުރުމަކީ ޙަރާމް ކަމެއް” ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ، މީސްތަކުންގެ ކިބައިގައި ލަދުވެތިކަމެއް ނެތްނަމަ އެ މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށާއި، ފަސާދަ ޢާއްމުވެ، މުޖުތަމަޢު މިހާރު އޮތް ޙާލަތަށްވުރެ ނުބައި ޙާލަތަކަށް ވެއްޓުމުގެ ކުރިން ޒިންމާދާރު ވެރިންނާއި، ޢިލްމުވެރިން އަދި މުރައްބީންގެ އިތުރުން މައިންބަފައިން މިކަމާމެދު ވިސްނައި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ